islamkingdomfaceBook


ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.

(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعد ކުރައްވާކަމުގައިވީ ދުވަހެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ.

(ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!

(އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ.

ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.)

އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ.

ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ.

ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ.

ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.