islamkingdomfaceBook


شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)

އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ! ފަހެ، ތިޔަބައިމީހުން ފުރަގަސްދިން ނަމަވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول އާއަށް އޮތީ، بيان ވެގެންވާ އިއްވެވުންކަން ތިޔަބައިމީހުން ދަންނާށެވެ!

إيمان ވެ، صالح عمل ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާމެދު، އެއުރެންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ: ރާއާއި އަދި އެނޫން ތަކެތި حرام ކުރެއްވުމުގެކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ) އެއުރެން تقوى ވެރިވެ، إيمان ވެ، صالح عمل ކުޅަނަމައެވެ. ދެންވެސް تقوى ވެރިވެ، إيمان ވީނަމައެވެ. ދެންވެސް تقوى ވެރިވެ، عمل ތައް ރަނގަޅު ކުޅަނަމައެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ލޮންސިތަކުން އަތުލާ ބައެއް ޝިކާރައިން، اللَّه، ތިޔަބައިމީހުން امتحان ކުރައްވާނެތެވެ. (އެއީ) ނުފެންނަ ތާނގައިވެސް، އެކަލާނގެއަށް ބިރުވެތިވާ ބަޔަކު، اللَّه ދެނެވޮޑިގެންވެ، އެކަން ފާޅުކުރެއްވުމަށްޓަކައެވެ. ފަހެ، އެއަށްފަހު (އެކަލާނގެ أمر ފުޅު) ފަހަނަޅައި ހިނގައްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ވޭންދެނިވި عذاب ހުށްޓެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (حج އަކަށް، ނުވަތަ عمرة އަކަށް) ތިޔަބައިމީހުން إحرام ބަނދެގެންތިބެ (އެއްގަމު) ޝިކާރަ قتل ނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން قصد ގައި، އެފަދަ ޝިކާރައެއް قتل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ޖަޒާއަކީ، قتل ކުޅަ އެއްޗަކާ އެއްފަދަ އެއްޗެއް، نعم ސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު حكم ކުރާނީ، ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހެކެވެ. (މި ދޭންޖެހޭނީ) كعبة اللَّه ގެފުޅަށް ފޯރާ هَدْى އެއްގެ ގޮތުގައެވެ. ނުވަތަ كفّارة އެއް ދިނުމެވެ. އެއީ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއާ އެއްވަރަށް ރޯދަހިފުމެވެ. އެއީ އޭނާ ކުޅަކަންތަކުގެ ނަތީޖާގެ ރަހަ ލިބިގަތުމަށްޓަކައެވެ. (މި آية ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް اللَّه عفو ކުރައްވައިފިއެވެ. އަދި އެކަމަށް އެނބުރި إعادة ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން اللَّه ބަދަލުހިއްޕަވާނެތެވެ. اللَّه އީ، ބަދަލުހިއްޕެވުމުގެ ވެރި، عزيز ވަންތަ ރަސްކަލާނގެއެވެ.