islamkingdomfaceBook


حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ. ދެންވެސް كافر ވި މީހުން އެއުރެންގެ ވެރިިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް شريك ކުރެތެވެ.

އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية ތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ.

އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجل އެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ حضرة ގައި ކަނޑައަޅުއްވާފައިވާ أجل އެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شك ކުރަމުއެވެ.

އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން حق ވެގެން) ވާ، اللَّه އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.

ފަހެ، ހަމަކަށަވަރުން، حق ބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبر ތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ.

އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް أمّة ގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيل އެއްގެ ބަޔަކު އުފެއްދެވީމެވެ.

އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ كافر ވީ މީހުން ބުނީހެވެ.

އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ ملائكة އަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް مهلة އެއް ނުދެއްވާ ހުށްޓެވެ.