islamkingdomfaceBook


ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން اللَّه އަށް ދަރަނިދޭށެވެ! (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!

ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ!

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!

އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ!

އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!

އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!

ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.

ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.

كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.

ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!

ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!

އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.

އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.

ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.

ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.

ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ.