islamkingdomfaceBook


ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.

އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ.

އުޑުތަކާއި، ބިމުގެ لشكر ތައް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި عزيز ވަންތަ، حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

އެއީ ކަލޭޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.

އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

(އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّه ގެ حضرة ގައި އެކަންތައްވިއެވެ.

އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّه އާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ.

(އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصر ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيح ދެންނެވުމަށްޓަކައެވެ.